މާލޭގެ ހެންވޭރު އަވަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކުލިނިކުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފިއެވެ. މިއީ މާލެ ސަރަޙައްދުގައި ޖުމްލަ 6 ޖީޕީ ކުލިނިކު ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ބުނީ، ހެންވޭރުގައި ތަރައްޤީ ކުރާ ކުލިނިކުގެ މަސައްކަތް މިމަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގައި ޤާއިމުކުރާ ކުލިނިކުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.
ސަރުކާރުގެ މަޝްރޫޢުގެ ދަށުން މާލޭގެ 4 ސަރަޙައްދެއްގައި 4 ކުލިނިކާއި، ހުޅުމާލޭގައި 2 ކުލިނިކު ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މާފަންނުގައި ތަރައްޤީކުރި ކުލިނިކުގެ ޚިދުމަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަށާފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ކުލިނިކުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ މިހާރު ވަނީ ޙަވާލުކޮށްފައެވެ.
ޖީޕީ ކުލިނިކުތައް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަޙައްދުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ އެމަރޖެންސީ ރޫމްތަކަށް ބާރުބޮޑުވުން ކުޑަކުރުމެވެ. އެކި ދުވަސްވަރު އިތުރުވާ ހުމާއި ރޯގާގެ ކޭސްތަކުގައި ހުރިހާ އުމުރެއްގެ މީހުން އީއާރަށް ދިއުމުގެ ބަދަލުގައި، މި ކުލިނިކުތަކުން ފަރުވާ ހޯދުމަށް މަގުފަހިވުމުން، ސީރިއަސް ކޭސްތަކަށް ހޮސްޕިޓަލްތަކުން ދޭ ސަމާލުކަން އިތުރުވެގެންދާނެ ކަމަށް ހޮސްޕިޓަލް މެނޭޖްމަންޓުން ފާހަގަކުރެއެވެ.
މި ކުލިނިކުތަކުން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ޢާންމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމާއި، އެކްސްރޭ ނެގުމާއި، ލޭގެ ޓެސްޓުތައް ހެދުމުގެ އިތުރުން ކުޑަކުދިންނަށް ވެކްސިން ދިނުން ހިމެނެއެވެ. އަދި އިތުރު ފަރުވާއަށް ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ ޙާލަތްތަކުގައި، ހޮސްޕިޓަލް މެދުވެރިކޮށް ފަސޭހައިން އެޕޮއިންޓްމަންޓް ހެދޭނެ ނިޒާމެއްވެސް މިތަންތަނުގައި ޤާއިމުވެފައި ހުންނާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެއެވެ.

