އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި “ރީ-އެމްޕްލޯއިމަންޓްގެ ބިލު” ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު މަޖިލީހުން ފާސްކުރީ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބިނާކޮށް، 46 މެންބަރުންގެ ވޯޓުންނެވެ.
ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގައި ބަލާނެ ހަމަތަކާއި، އެފަދަ މުވައްޒަފުންނާ މެދު އަމަލުކުރާނެ އުސޫލުތައް މި ބިލުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
ވަޒީފާ ދެވޭނެ އުސޫލުތައް
ބިލުގައިވާ ގޮތުން ރީ-އެމްޕްލޯއިމަންޓްގެ ފުރުޞަތު ލިބޭނީ ދައުލަތުގެ ވަޒީފާގައި ތިބި 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ ފަރާތްތަކަށެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްގުވާ އުމުރު ހަމަވެގެން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް އަލުން ވަޒީފާ ހަމަޖައްސައިދިނުމުގެ ފުރުޞަތު އޮންނާނެއެވެ.
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހެނީ އަހަރުން އަހަރަށް އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން ވަޒީފާ ދޭއިރު މުވައްޒަފު ކުރިން ހުރި މަގާމަށް ނުވަތަ އެހެން މަގާމަކަށްވެސް އައްޔަންކުރެވިދާނެއެވެ. ނަމަވެސް، ސިފައިންނާއި، ފުލުހުންނާއި، ފަނޑިޔާރުންގެ އިތުރުން ޤާނޫނުއަސާސީގެ ދަށުން ވަކި މުއްދަތަކަށް އައްޔަންކުރާ މަޤާމުތަކަށް މި ޤާނޫނު ނުހިނގާނެކަން ބިލުގައި ފާހަގަކޮށްފައިވެއެވެ.
މުސާރައާއި އިނާޔަތްތައް
މި އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި އުސޫލުން ވަޒީފާގައި ތިބޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަން ނުލިބޭނެ ކަމެވެ. އެހެންނަމަވެސް، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަން ފައިސާ އެ ފަރާތްތަކަށް ލިބޭނެއެވެ.
ސުންގަޑިތައް
ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުން، އެމީހެއްގެ އުމުރުން 65 އަހަރު ފުރުމުގެ ހަ މަސް ދުވަސް ކުރިން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހެއެވެ. އަދި ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުން މި ޤާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

