ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ހުސައިން ސަނީ އުމަރުގެ މައްޗަށް ކުރެވޭ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް މާލޭގެ ގެއެއް ބަލާފާސްކޮށްފިއެވެ. ފުލުހުން މިއަދު ހިންގި މި އޮޕަރޭޝަނަކީ ކޯޓު އަމުރެއްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ފުލުހުން ވިދާޅުވީ ހެންވޭރުގައި ހުރި ގެއެއް ބަލާފާސްކޮށްފައިވަނީ ސަނީ އުމަރުގެ ހާޒިރުގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލާފާސްކޮށްފައިވަނީ ހ. އަނދުންގެއެވެ. މި ތަހުގީގަށް ހެކި ހޯދުމަށް އޭނާ އެ ގެއަށް ވެއްދުމުން، އެ ސަރަހައްދުގައި ތިބި ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށް ހަމަނުޖެހުން ވެސް ހިންގާފައިވެއެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ކޯޓުން މިގޮތަށް ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު އަމަލުކުރާ ހާއްސަ ގާނޫނުގެ ދަށުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުމުންނެވެ.
ސަނީ އުމަރު ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު، އޭނާ ރާއްޖެއިން ބޭރަށް ފުރަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓައެވެ. އޭނާ ހައްޔަރުކުރި ދުވަސްވަރު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ޖެހީ 30 ދުވަހުގެ ބަންދުގެ މުއްދަތެކެވެ.
މި މައްސަލައަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައްސަލައަކަށްވާއިރު، ފުލުހުން ދަނީ މި މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާކޮށް ހެކި އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

