ރާއްޖޭގެ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، އެކި މަރުހަލާތަކުގައި 39 ހޮސްޕިޓަލެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ކުރެވުނު ދިރާސާތަކުން އަތޮޅުތެރޭގެ އުމްރާނީ ތަރައްގީ ވަރަށް ބޮޑަށް ވީރާނާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބައެއް ތަންތަނަކީ ޖާގަ ކުޑަވުމާއި ބާވުމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިވެފައިވާ ތަންތަން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، “އެކި މަރުހަލާ ތަކުގަ 39 ހޮސްޕިޓަލެއްގެ މަސައްކަތް އެބަ ކުރިއަށްދޭ. އެގޮތުން ބައެއް ތަންތަނަކީ މިހާރު ހޮސްޕިޓަލް ހުރި ތަންތަން އަޕްގްރޭޑް ކުރުން. އަނެއްބައި ތަންތަނަކީ މިހާރު ހޮސްޕިޓަލް ހުރި ތަންތަނުގެ ޖާގަ ނެތުމުގެ ސަބަބުން މުޅިން އާ އިމާރާތެއްގައި ހޮސްޕިޓަލް ގާއިމް ކުރާ ތަންތަން،” ކަމަށެވެ.
މިހާރު ކުރިއަށްދާ ޖުމްލަ 147 މަޝްރޫއުގެ ތެރޭގައި މުޅިން އަލަށް 19 ސިއްހީ މަރުކަޒު ގާއިމްކުރުމާއި، އެކްސްޓެންޝަން އަދި އަޕްގްރޭޑް ކުރުމުގެ 89 މަޝްރޫއެއް ހިމެނެއެވެ. މީގެ އިތުރުން، ކުރިއަށް ރޭވިފައިވާ 22 ޕްރޮޖެކްޓެއްގެ ތެރޭގައި މުޅިން އަލަށް އިމާރާތްކުރާ 8 ހޮސްޕިޓަލާއި 5 ސިއްހީ މަރުކަޒުގެ އިތުރުން އެކްސްޓެންޝަން އަދި އަޕްގްރޭޑް ކުރުމުގެ 9 މަޝްރޫއެއް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 12 މަޝްރޫއެއްގެ މަސައްކަތް މުޅިން ނިމިފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މި މަސައްކަތްތަކަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ އަށް ނުކުރެވޭހާ ބޮޑު ހޭދައެއް ކުރެވިގެންދާނެ މަސައްކަތްތަކެއް ކަމަށެވެ.

