މާލޭ ޕޯޓް ބޭރުގެ ބަޔަކަށް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހއ. ދިއްދޫ އެއަޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޒަމީރު ވިދާޅުވީ، ސަރުކާރުގެ ވާދަވެރިން ފެށުނީއްސުރެ ގެންދަނީ ސަރުކާރާ ގުޅޭގޮތުން ހަޤީޤަތެއް ނެތް ވާހަކަތައް ފަތުރަމުން ކަމަށެވެ. އެގޮތުން ރާއްޖެ ބަނގުރޫޓްވާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ކުރީކޮޅާއި މި އަހަރުގެ ނިޔަލަށް ރާއްޖެ ބަނގުރޫޓް ވާނެ ކަމަށް ބުނެ އެކި ވާހަކަތައް ދެކެވުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތު އަމަލީގެ ދަށުން އެފަދަ ދުވަހެއް ރާއްޖެ ނުދެކޭ ކަމަށާއި އިރާދަފުޅުން ނުވެސް ދެކޭނެ ކަމަށެވެ.
މާލޭ ޕޯޓްގެ ހިންގުން ބޭރު ބަޔަކަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއެކު ރާއްޖޭގައި އިންވެސްޓް ކުރަން ގިނަ ކުންފުނިތަކަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އެހެންކަމުން، އެކި ދާއިރާތަކުން އިންވެސްޓްމަންޓް ޕްރޮޕޯސަލްތައް ސަރުކާރަށް ލިބެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ރައީސުލްޖުމްހޫރިއްޔާ، ކޮންމެ މީހެއްގެ ޕްރޮޕޯސަލް ލިބުނަސް އެ ބައްލަވާނެ. އޭގެ މާނައަކީ ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކަމެއް ކުރެއްވީއެއް ނޫން. ބަޔަކު ޕްރޮޕޯސަލެއް ހުށަހެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އެ ޤަބޫލުކުރައްވާ ކަމެއް ކުރެއްވީއެއް ނޫން،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ބޭރު ބަޔަކަށް ޕޯޓް ދޫކޮށްލަން ނިންމި ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ނެންގެވި ކޮންމެ ފިޔަވަޅަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ނެންގެވި ފިޔަވަޅުތަކެއް ކަމުގެ ޔަޤީންކަން ވަޒީރު އެރުވިއެވެ.

