ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްގެ މަޤާމަށް ކުރީގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ މައްސަލަ ދިރާސާކުރުމަށް ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ. ކޮމެޓީން މިހާރު ވަނީ އޭނާ ކޮމިޝަންގެ ރައީސްގެ މަޤާމަށް އައްޔަންކުރުމަށް ރުހުން ދީ، އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ދައުރުން ބޭރުން ބާއްވާ ޖަލްސާގައި އެޖެންޑާކޮށްފައެވެ.
އެޗްއާރުސީއެމްގެ ރައީސްގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން އެ ކޮމިޝަންގެ ރައީސްގެ މަޤާމަށް މެންބަރުންގެ ތެރެއިން ބޭފުޅަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަޤާމަށް ޑރ. ރަމީލާ އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ޑރ. ރަމީލާއަކީ މި ސަރުކާރުގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ފުރަތަމަ ވަޒީރެވެ. ނަމަވެސް، ޞިއްޙީ ޙާލުކޮޅު ހުރިގޮތުން 1 ޑިސެންބަރު 2024 ގައި އެކަމަނާ ވަނީ ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މިހާރު އެޗްއާރުސީއެމްގައި ތިއްބަވާ 5 މެންބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި، އަޙްމަދު މަޤުސޫމްގެ އިތުރުން ޑރ. ޢާއިޝަތު ރަމީލާއެވެ. ކޮމެޓީގެ ރިޕޯޓު މަޖިލީހުން ފާސްކުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ޑރ. ރަމީލާ ކޮމިޝަންގެ ރައީސްކަމަށް އައްޔަން ކުރައްވާނެއެވެ.

