ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ހއ. ދިއްދޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢަކީ ދިއްދޫގައި އެއާޕޯޓާއި، ބޯހިޔާވަހިކަން އަދި އިގްތިސާދީ އެހެނިހެން ޚިދުމަތްތައް ގާއިމުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
ދިއްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ މިނިސްޓަރ މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްލަތީފް މުހައްމަދާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދާއި، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ލަތީފްގެ އިތުރުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ، ބިންހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ގުޅުއްވައި، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ދިއްދޫގެ ބިންހިއްކުމާއި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ރައީސްގެ ޒައާމަތުގައި ދިއްދުއަށް ވެވަޑައިގެންނެވި ވައުދުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާތީ މެންބަރު ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން ދިއްދޫގެ ބިމަށް 115 ހެކްޓަރުގެ ސަރަހައްދެއް އިތުރުކުރެވޭނެއެވެ. މިއީ އެ ރަށުގެ މިހާރުގެ ބޮޑުމިނަށްވުރެވެސް ބޮޑު ސަރަހައްދެކެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ބޭނުންކުރަން ނިންމީ، ރައީސްގެ އެދިވަޑައިގަތުމުގެ މަތިން މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށެވެ. އެމްއޭސީއެލް އިން ލަފާކުރާ ގޮތުގައި މަހެއްހާ ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.
މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގައި، މި މަޝްރޫޢަކީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ކުރެއްވި އިޚްލާސްތެރި މަސައްކަތުގެ ނަތީޖާކަން ފާހަގަކުރެއްވިއެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކުން ކިތަންމެ ފާޑުކީ ނަމަވެސް، ރައީސް މުޢިއްޒު ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވަމުން ގެންދަވާކަމުގެ ހެއްކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ދިއްދޫގެ ފަތުރުވެރިކަމާއި ވިޔަފާރި ފުޅާވެ، ރަށުގެ ރައްޔިތުންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ހިއްކާ ބިމުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ހިދުމަތްތަކާއި އާ ވިޔަފާރިތައް ގާއިމުކުރެވިގެންދާނެއެވެ. މި ތާރީޚީ މަސައްކަތް ފެށުމުގެ އުފަލުގައި މިރޭ ދިއްދޫގައި ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


