މާލޭގެ ގެއެއް ބަލައިފާސްކޮށް ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ފަލަކް، ޝާއިން އަލީ (27އ) އަދި އއ. ފެރިދޫ، އިހުރާމްގެ، އާއިޝަތު މާޝާ އަހުމަދު (20އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އޮޕަރޭޝަންގެ ތެރެއިން ހެންވޭރުގައި ހުރި ގެއެއް ބަލައިފާސްކޮށްފައިވާއިރު، އެ ގެއިން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ.
ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

