އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީތެރިކަމަށް ޝަރުތުހަމަވާ 39 މީޑިއާއަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއާ ގުޅިގެން ކުރަމުން އަންނަކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން (އެމްއެމްބީސީ) ވިދާޅުވެއްޖެއެވެ.
އެމްއެމްބީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމަށް ޝަރުތުހަމަވި 41 މީޑިއާއެއްގެ މަޢުލޫމާތާއި ފައިސާ ލިބޭ އަދަދުތައް މިދިޔަ މަހުގެ 30 ވަނަ ދުވަހު ޒުވާނުންނާ ބެހޭ ވުޒާރާއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، ޝަރުތުހަމަވި މީޑިއާތަކުގެ ތެރޭގައި އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާ ހިމެނޭތީ، އެ މައްސަލަ ހައްލުކުރެވެންދެން އެ ދެ މީޑިއާގެ ޕޭމަންޓް މަޑުޖައްސާލުމަށް ވަނީ އަންގާފައެވެ. އެހެންކަމުން މިވަގުތު ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ބާކީ ތިބި 39 މީޑިއާއަކަށެވެ.
މީޑިއާތަކަށް މާކްސް ދިނުމުގައި ބަލާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މީޑިއާގެ މުއްދަތު، މުވައްޒަފުންގެ އަދަދާއި ތަޢުލީމީ ފެންވަރު، ބިޒްނަސް ޕްލޭން، ކޮންޓެންޓުގެ ބާވަތް އަދި އިދާރީ އިންތިޒާމުތައް ހިމެނެއެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވަނީ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާއެވެ.
މީޑިއާތަކަށް ފައިސާ ދޫކުރުމުގެ އިޖުރާއަތްތައް ކުރިއަށްދާނީ ޒުވާނުންނާ ބެހޭ ވުޒާރާއިން ފިނޭންސް މިނިސްޓްރީއަށް މަޢުލޫމާތު ހުށަހަޅައިގެންނެވެ. އެމްއެމްބީސީން ވިދާޅުވި ގޮތުގައި، ޝަރުތުހަމަވާ ކޮންމެ މީޑިއާއަކަށް ލިބޭ ޖުމްލަ އަދަދު އެއް ޕޭމަންޓެއްގެ ގޮތުގައި ދޫކުރެވިގެންދާނެއެވެ.
މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ މީޑިއާ އެޕް މެދުވެރިކޮށް، އެހީއަށް ހުށަހެޅި މީޑިއާތަކަށް ގެނެވުނު ބަދަލުތައް ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

