މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ 87 އިންސައްތަ އިތުރުވެފައެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ވަނީ ޖުމްލަ 69,564 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކުރި 37,213 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި މަހުގެ މައިގަނޑު ހުރިހާ ބާވަތްތަކެއްގެ އެކްސްޕޯޓް ވެސް ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ފެންނަނީ ފިނިކުރި ނުވަތަ ގަނޑުކުރި މަހުގެ އެކްސްޕޯޓުންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 61,281 މެޓްރިކް ޓަނުގެ ގަނޑުކުރި މަސް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 105 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ދަޅުގައި ނުވަތަ ޕައުންޗްގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ 9.4 އިންސައްތަ އިތުރުވެ، 5,788 މެޓްރިކް ޓަނަށް އަރާފައެވެ.
ޕްރޮސެސްކޮށްގެން ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކަށް ބަލާއިރު، 2025 ވަނަ އަހަރު ވަނީ 1,745 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 34.9 އިންސައްތައިގެ ކުރިއެރުމެކެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް ކުރަނީ މަހުގެ ބާވަތްތަކެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމެވެ. މިގޮތުން މަސް ޕްރޮސެސިން ކެޕޭސިޓީ އާއި މަސް ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، "ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރުކުރުން" ކަމަށެވެ.

