ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގެއްލުން ލިބުނު އާއިލާއަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން ބުނީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ، އަލިފާން ރޯވި އިމާރާތާ އިންވެގެން ހުރި ގޭގެ އެޕާޓްމަންޓެއްގެ ފެން ހޮޅިއަކަށް ގެއްލުންވެ، އެ ގޭގެ ފެނުގެ ޚިދުމަތް ކެނޑުމާ ގުޅިގެންނެވެ. މި ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓްގައި ދިރިއުޅެމުންދިޔަ ދެ މީހަކަށް ރެއިން ފެށިގެން ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން، ފެނުގެ ނިޒާމަށް ލިބުނު ގެއްލުންތައް ދެނެގަނެ، އެކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ 23:22 ހާއިރު، ސައިރިކްސް ކޮލެޖު ކައިރިން ހަދަމުންދިޔަ އިމާރާތެއްގައެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން ބައިގަޑިއެއްހާއިރު ތެރޭގައި އަލިފާން ވަނީ އެއްކޮށް ނިއްވާލާފައެވެ.
އެންޑީއެމްއޭއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވި އިމާރާތުގެ އިތުރުން އެހެން ތަނަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާކަންވެސް އެ އޮތޯރިޓީން ވަނީ ފާހަގަކުރައްވާފައެވެ.

