މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރު އެއް ވަގުތެއްގައި ކުރިއަށް ގެންދާ ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއުވެސް ކަނޑައެޅިފައިވާ ތާރީހަށް ނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ދެއްވައިފިއެވެ.
ޝަރީފު މި ޔަގީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި، ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝަރީފު ވިދާޅުވީ މިއަދަކީ ދިއްދޫ ރައްޔިތުންގެ ދުވަސްވީ ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔަ އުފާވެރި ދުވަހެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވަނީ އެމްއޭސީއެލްއަށް އިތުބާރު ކުރައްވައި މިފަދަ ބޮޑު މަޝްރޫއެއް ހަވާލުކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޝްރޫއު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް ރައީސް އިރުޝާދު ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، މަސައްކަތް އަވަސްކުރުމުގެ ގޮތުން ދިއްދޫ ބިން ހިއްކުމަށް ގެނެސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ “ލީވް އެރިކްސަން” ކަމަށެވެ. މިއީ މި މަޝްރޫއު ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ދިއްދޫ އެއަރޕޯޓާއި ބިން ހިއްކުމުގެ މަޝްރޫއާއެކު އެ ރަށުގެ އިގުތިސާދު ތަންމިނަށް ހުޅުވި، އާ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އެހެންކަމުން، މި ލިބޭ ފުރުސަތުގެ ބޭނުން ހިފައި ދިއްދޫއަކީ އެ ސަރަހައްދުގެ މައި މަރުކަޒަކަށް ހެދުމަށް އޭނާ ވަނީ ރަށުގެ ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.

