ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު ގ. އާބިން، ޑރ. އައިޝަތު ރަމީލާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ދައުރުން ބޭރުގެ ދެވަނަ ޖަލްސާގައި މި ނިންމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ. ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެ ކޮމިޝަންގެ ރައީސްގެ މަގާމަށް ރަމީލާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ. މި މައްސަލަ ދިރާސާކުރި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވެސް ވަނީ އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް އިއްޔެ ނިންމާފައެވެ.
ޑރ. އައިޝަތު ރަމީލާއަކީ ސަރުކާރުގެ މަތީ މަގާމުތަކެއް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމާއި، އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން އޭނާ ކުރެއްވިއެވެ. މީގެ އިތުރުން އެވިޑް ކޮލެޖްގެ ޑީންގެ މަގާމު ވެސް ފުރުއްވާފައިވާ ރަމީލާއަކީ ސޯޝަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އެންމެ ފުރަތަމަ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ރަމީލާ ވަނީ މި ސަރުކާރުގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރުކަން ވެސް ކުރައްވާފައެވެ. ނަމަވެސް ސިއްހީ ސަބަބުތަކަކާ ގުޅިގެން މިދިޔަ އަހަރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބެވި މެންބަރުންނަކީ މަރިޔަމް މުނާ، މުހައްމަދު ޝަފީޤް މަހުމޫދު، ސަމާއު އަހުމަދު ނަޖީބު، އިސްމާއީލް ހަބީބް އަދި އަހުމަދު މައުސޫމެވެ.

