މީޑިއާތަކަށް ހާއްސަކޮށްގެން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ ބޮޑުބައެއް ނިންމާލާފައިވާކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މީޑިއާ ވިލެޖު ތަރައްޤީކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފެށި އިމާރާތުގައެވެ. މި އިމާރާތް ނިންމައި ހިންގުމަށް މިހާރު ވަނީ “ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ” ހަވާލުކޮށްފައެވެ. ވަޒީރު ވިދާޅުވީ އެޗްޑީސީ މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް މަސައްކަތުގެ އަޕްޑޭޓްތައް ބަލަމުންދާ ކަމަށާއި، މަސައްކަތް ނިމޭވަރަކުން މީޑިއާތަކަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތަކެއް އެތަނުގައި ހަމަޖެހިގެންދާނެ ކަމަށެވެ.
“މަންހަޓަން ގްރޭންޑު”ގެ ނަމުގައި މި ހޮޓާ އަލުން ތަރައްޤީކުރާއިރު، އެ އިމާރާތުގެ 3.5 ފަންގިފިލާ ޚާއްޞަ ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމަށެވެ. އެގޮތުން މީޑިއާ ވިލެޖުގެ އިތުރުން ޔޫތު ސެންޓަރަކާއި، މެޑިކަލް ކޮލެޖެއް އަދި ތަރިކަ ކޮލެޖެއް އެ އިމާރާތުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީޑިއާ ވިލެޖު ތަރައްޤީކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މީގެ އިތުރުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއްގެ ފައިސާ ދެއްވުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. އެގޮތުން މާލީ އެހީތެރިކަން ދިނުމަށްޓަކައި ޝަރުތުހަމަވާ މީޑިއާތައް ކަނޑައެޅުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.
މިހާތަނަށް 39 މީޑިއާއަކަށް ފައިސާ ދިނުމުގެ މަސައްކަތް، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްދާކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ. މީޑިއާ ވިލެޖާއެކު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

