އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މިކަމަށްޓަކައި މާމިގިލީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމާއި، މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ މާމިގިލީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރަށުގެ ތަރައްޤީއަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން މާމިގިލީގެ ޖުމްލަ 6 މަގެއްގައި 4.8 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫޢުގެ މަސައްކަތްތަކަށް ބަލާއިރު، މިހާތަނަށް މުޅި މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މީގެ ތެރޭގައި ކޭބަލް ޖަންޝަނާއި ހޮޅި އެޅުމުގެ މަސައްކަތާއި، ސެޓްލްމަންޓް ޓޭންކްތަކުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.
މީގެ އިތުރުން، ދުވާރާއި ކާރބް ސްޓޯން ޖެހުމުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ފަށަލައިގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ. އަދި ފެން ހިންދުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތަކުގެ 61 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މަޝްރޫޢުގެ ދަށުން ކުރެވޭ އިތުރު މަސައްކަތްތައް
މި މަޝްރޫޢުގެ ދަށުން ހަމައެކަނި ތާރު އެޅުމުގެ އިތުރުން، މަގުތަކުގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އޭގެ ތެރޭގައި:
- ކެރިއޭޖްވޭ އާއި ސައިޑްވޯކް ތަރައްޤީ ކުރުން.
- ސްޓޯރމް ވޯޓަރ މަނޭޖްމަންޓް ސިސްޓަމް ގާއިމު ކުރުން.
- މަގު ބައްތި ހަރުކުރުމާއި ސްޓްރީޓް ލައިޓްތައް އިތުރުކުރުން.
- ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން.
- ޒީބްރާ ކްރޮސިންގްސް މާކު ކުރުން.
2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢަކީ ޖުމްލަ 95,043,314.41 (ނުވަދިހަ ފަސް މިލިއަން ސާޅީސް ތިން ހާސް ތިންސަތޭކަ ސާދަ) ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން މާމިގިލީގެ މަގުތަކުގެ ހާލަތަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

