ރަށްރަށުގައި ދަނޑުވެރިކަން ކުރާ ސަރަޙައްދުތަކަށް ފަސޭހަކަމާއެކު ކަރަންޓާއި ފެނުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަން ކުރާ ރަށްރަށުގެ ދަނޑުބިންތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފެނަކައާ ގުޅިގެން ފޯރުކޮށްދެވޭނެ އިންތިޒާމުތައް ދެނެގަތުމެވެ.
ރާއްޖޭގެ ގިނަ ރަށްތަކަކީ އާމްދަނީ ހޯދުމަށް ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށްތަކެކެވެ. ބައެއް ރަށްރަށުގައި ރިސޯޓްތަކަށާއި މާލޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އުފެއްދުންތައް ތައްޔާރުކުރި ނަމަވެސް، ދަނޑުވެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ޚާއްޞަކޮށް، ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތަކަކީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި ހުންނަ ބިންތަކަށްވުމުން، އެ ސަރަޙައްދުތަކަށް ކަރަންޓާއި ފެން ހޯދުމަކީ ދަނޑުވެރިން އަމިއްލައަށް ބޮޑު ޚަރަދުކޮށްގެން ކުރަންޖެހޭ ކަމެކެވެ.
މިހާރު ދަނޑުވެރިން އާންމުކޮށް ފެން ހޯދަނީ އަމިއްލައަށް ވަޅުކޮނެ، ޕަމްޕް ބަހައްޓައިގެންނެވެ. މިއީ ދަނޑުވެރިންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވެފައިވާއިރު، ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ “ދަނޑުތައް ދޫކުރާ ސަރަޙައްދުތަކަށް ފެނާ ކަރަންޓުގެ ވިއުގަ ގުޅައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވަޢުދެއް” ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ 150އަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަކަށް ވުމާއެކު، މި މަޝްވަރާތަކުގެ ސަބަބުން ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

