މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން “ސައިޓް އޭ” އިން 64 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފިއެވެ. މި ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްދާއިރު، މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރުތައް ބޭނުންކުރަމުންދާ ކަމަށް ސަރުކާރުން ހާމަކުރެއެވެ. މީގެ ތެރެއިން “ސައިޓް އޭ” އަކީ ޖުމްލަ 138 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދެކެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ލީޑު ކުރަމުންދާ މި މަސައްކަތުގެ ތަފްސީލް ހިއްސާކުރަމުން އެ ކުންފުނިން ވިދާޅުވީ، ސައިޓް އޭ އިން މިހާތަނަށް 64 ހެކްޓަރު ހިއްކާ ނިންމާފައިވާ ކަމަށެވެ. އަދި މި ސައިޓުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދޮޅު ހެކްޓަރުގެ ބިން ހިއްކަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ “ކްރިސްޓަބަލް ކޮލޯން” އަންނަނީ ބޭނުންކުރަމުންނެވެ. މި މަޝްރޫޢުގައި އެމްއޭސީއެލްގެ އިތުރުން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި، އިންޑިއާގެ މޯހަން މުތާއާއި، ޗައިނާ ހާބަރ އިންޖިނިއަރިންގް އިން ބައިވެރިވެއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް މާރިޗު މަހުގެ ނިޔަލަށް މުޅި ރަސްމާލެ ހިއްކާ ނިންމުމެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަސްމާލޭގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭރުގެ ކޮންސަލްޓަންޓުން ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. މީގެއިތުރުން، ރަސްމާލެއިން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

