ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އާ ހޮސްޕިޓަލުގެ ސާވޭ މަސައްކަތްތައް ކުރުމަށް ޗައިނާގެ ފަންނީ ޓީމެއް ރާއްޖެ އައިސް، އިއްޔެ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ސައިޓުގައި ސާވޭގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ހާމަކޮށްފައިވާ ގޮތުގައި، މި ސާވޭ މަސައްކަތަށް ކަމާބެހޭ މާހިރުން ހިމެނޭ 11 މެންބަރުންގެ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ. މި ޓީމުން މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި މަސައްކަތް ކުރާނެ ކަމަށް އެމްބަސީން މައުލޫމާތު ދެއެވެ.
އިއްޔެ ކުރިއަށްދިޔަ ސާވޭގެ މަސައްކަތުގައި ޗައިނާގެ ޓީމުގެ އިތުރުން ރާއްޖޭގެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ އިންޖިނޭރުންނާއި، ވިލިމާލޭ ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ވަފުދެއް ވެސް މި މަސައްކަތުގައި ބައިވެރިވެފައިވެއެވެ.
ވިލިމާލޭގައި އަޅާ މި އާ ހޮސްޕިޓަލަކީ ގާތްގަނޑަކަށް 12,900 އަކަމީޓަރުގެ ސަރަހައްދެއްގައި ބިނާކުރާ ތަނެކެވެ. މި ހޮސްޕިޓަލް ފަރުމާކޮށްފައިވަނީ 112 އެނދުގެ ކެޕޭސިޓީއާ އެކުގައެވެ. މި ތަނުގައި އެމަޖެންސީ ޑިޕާޓްމަންޓުތަކާއި، ޒަމާނީ ޓެސްޓުކުރެވޭ ފެސިލިޓީތަކުގެ އިތުރުން، އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓް ހިދުމަތްތަކަށް ހާއްސަ ވަސީލަތްތައް ގާއިމްކުރެވޭނެއެވެ.
ޗައިނާ އެމްބަސީން ބުނި ގޮތުގައި މި ހޮސްޕިޓަލުގެ ޑިޒައިންގައި ބޮޑަށް އިސްކަންދޭނީ ރާއްޖޭގެ ގުދުރަތީ ރީތި މާހައުލާއި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ސަގާފީ ގުޅުން ރަމްޒުކޮށްދިނުމަށެވެ. މި މަޝްރޫއުގެ ދަށުން އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީސް ސަރަހައްދެއް ވެސް ހޮސްޕިޓަލުގައި ހިމެނޭނެއެވެ.
މި ހޮސްޕިޓަލަކީ ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ހިދުމަތުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

