ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ކެނޑިޑޭޓުންނަށް ފޯމު ހުށަހެޅުމަށް ބޭނުންވާ އިދާރީ ތައްޔާރީތައްވުމަށްޓަކައި “މައި ޕޯޓަލް” އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މި ޕޯޓަލް މެދުވެރިކޮށް ކެނޑިޑޭޓުންގެ މަޢުލޫމާތު ފުރިހަމަކުރުމާއި، ލިޔެކިޔުންތައް އަޕްލޯޑުކުރުމުގެ އިތުރުން އިންތިޚާބަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ދުރާލާ ޕޯޓަލް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމެވެ. ނަމަވެސް، ޕޯޓަލް މިހާރު ހުޅުވާލި ނަމަވެސް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ރަސްމީކޮށް ހުށަހެޅޭނީ ކޮމިޝަނުން އިންތިޚާބަށް ރަސްމީކޮށް އިޢުލާނުކުރުމުން ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
މިއަދުން ފެށިގެން އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް “މައި ޕޯޓަލް” އަށް ލޮގިންވެވޭނެއެވެ. ޕޯޓަލްގައި ކެނޑިޑޭޓުގެ މަޢުލޫމާތާއި، ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު، އިންތިޚާބަށް ދައްކަންޖެހޭ އިދާރީ ފައިސާ ދެއްކުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިފަހަރުގެ އިންތިޚާބުގައި ގެނެސްފައިވާ މުހިންމު ބަދަލެއްގެ ގޮތުން، ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުން އެ ދާއިރާއަކުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 50 މީހުންގެ ތާއިދު ހޯދަންޖެހޭނީވެސް މައި ޕޯޓަލް މެދުވެރިކޮށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، “މިފަހަރު އެދާއިރާއަކަށް ވާދަކުރާ ކެނޑިޑޭޓުން ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދުވެސް ހޯދަންވާނީ މައި ޕޯޓަލްމެދުވެރިކޮށް. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ހައިސިއްޔަތެއްގެ ގޮތުގައި އަމިއްލަ ގޮތުން ނެންގެވުމަށްފަހު އެ ދާއިރާއަކުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 50 މީހުންގެ ތާއިދު ހޯދަންވާނެ” ކަމަށެވެ.
ކެނޑިޑޭޓުންގެ ކުށާއި ދަރަނީގެ ރެކޯޑުތަކާ ގުޅޭގޮތުން ކޮމިޝަނުން ވިދާޅުވީ، 2025 ޑިސެމްބަރު 1 ގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ސާފުކޮށްފައިވާ ރެކޯޑުތައް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި މި ރެކޯޑުތައް ނަގާއިރު މުޅި އުމުރަށް ރެކޯޑު ސާފުކުރަންޖެހޭނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.
އިންތިޚާބަށް ރަސްމީކޮށް އިޢުލާނުކުރަންވާއިރަށް ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކޮށް ތައްޔާރުވެގެން ތިއްބެވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ. މި ޕޯޓަލްއާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ ކޮމިޝަނުގެ ހޮޓްލައިން 1414 އަށް ގުޅުމަށް ވަނީ އެދިފައެވެ.

