ނިމިދިޔަ ޑިސެންބަރު މަހާއި މި ހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖެއިން 7000 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާ ކަމަށާއި، އެ ހުރިހާ ދިވެހިންގެ ހާލުވެސް ޖުމްލަގޮތެއްގައި ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ޢުމްރާވެރިންގެ ތެރެއިން ބަލިވެގެން އެޑްމިޓްކުރެވިފައިވާ އެކަކު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ. “އެޑްމިޓްކުރެވިފައިވާ ބަލި މީހާ މިމަހުގެ 10 ވާ ހޮނިހިރު ދުވަހު މާލެ ގެނެވޭނެ،” ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގައި މޯލްޑިވިއަން އާއި އައިޖީއެމްއެޗުން ދެއްވާ އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ފަހަރުގެ ޗުއްޓީއާ ދިމާކޮށް ޢުމްރާއަށް ދިޔަ ފުރަތަމަ ގްރޫޕް ފުރާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު 262 މީހުން ފުރާފައިވާއިރު، އެންމެ ފަހު ގްރޫޕް ފުރާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެ ގްރޫޕުގައި 298 ޢުމްރާވެރިން ހިމެނެއެވެ.
ޢާންމުކޮށް ޗުއްޓީތަކާ ދިމާކޮށް ގިނަ ބަޔަކު ޢުމްރާއަށް ދާއިރު، މީހުން ގެންދާ ބައެއް ކުންފުނިތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޝަކުވާތައް ފެންމަތިވަމުންދާކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަންޖެހޭ އުސޫލެއް މިހާރު ވަނީ އެކުލަވާލާފައެވެ.
އެ އުސޫލުގައިވާ ގޮތުން، ކޮންމެ ކުންފުންޏަކުންވެސް ޢުމްރާގެ ދަތުރުތަކަށް ނަގާ ފައިސާ ޚަރަދުކުރަން ޖެހޭނީ ހަމައެކަނި ޢުމްރާގެ ކަންކަމަށެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ގެޒެޓްކޮށްފައިވާ އުސޫލުތަކާއި އެއްބަސްވުންތަކާ ޚިލާފުވާ ކުންފުނިތަކަށް ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

