އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅެނިކޮށް، ސިއްހީ ހާލު ގޯސްވެގެން އެޑްމިޓްކޮށްފައިވާ ދިވެހި އުމްރާވެރިއަކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި ޗުއްޓީގައި ހަތް ހާހަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައުދީއަށް ގޮސްފައިވާ ކަމަށެވެ. އަދި ޖުމުލަކޮށް ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސައުދީގައި އެޑްމިޓްކޮށްފައިވާ ބަލިމީހާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދަނީ އެ ފަރާތުގެ އާއިލާއާ ގުޅިގެންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، އުންމީދަކީ މި މަހުގެ 10 ވަނަ ދުވަހު އެ ބަލިމީހާ މާލެ ގެނައުމެވެ.
މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އަގު ވަޒަންކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، “އިންޝާ ﷲ ބަލިމީހާ މި މަހު 10 ގައި މާލެ ގެނެވޭނެ. މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،” ކަމަށެވެ.

