ރާއްޖެއިން ބޭރުން އާސަންދަ ސްކީމްގެ ދަށުން ފަރުވާ ހޯދާއިރު، ބަލިމީހާގެ އަތުން އެއްބައި ފައިސާ ނަގާ ގޮތަށް “ކޯ-ޕޭމަންޓު” ސިސްޓަމެއް ތައާރަފްކުރުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ލަފާދީފިއެވެ. މި ލަފާ ދީފައިވަނީ އެ އޮފީހުން މިއަދު އާންމުކުރި “އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓް” ގައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާސަންދަ ސްކީމުން ކުރާ ހަރަދުގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ބޭހަށް ކުރާ ހޭދައެވެ. އެގޮތުން އަހަރަކު އެވެރެޖުކޮށް 924.8 މިލިއަން ރުފިޔާ ބޭހަށް ހަރަދުކުރާއިރު، މި ހަރަދު އަހަރަކު ހަތް އިންސައްތައިގެ ރޭޓުން އިތުރުވަމުންދާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، “ފަރުވާ ހޯދާ ފަރާތްތަކުގެ ފަރުދީ ޒިންމާ އިތުރުކޮށް، ސްކީމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން، ރާއްޖެއިން ބޭރުން ހޯދާ ފަރުވާއަށް ކޯ-ޕޭމަންޓު ސިސްޓަމް ތައާރަފްކުރުމަށް” ލަފާދޭ ކަމަށެވެ. މީގެ އިތުރުން، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި “ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ގަވާއިދު” ފުރިހަމައަށް ތަންފީޒުކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
ސްކީމުގެ ހަރަދުތަކަށް ބަލާއިރު، 2019 އިން ފެށިގެން 2024 ގެ ނިޔަލަށް ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކަށް 3.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އާސަންދައިން ހަރަދުކޮށްފައިވެއެވެ. އަދި ކްލިނިކްތަކަށް 779.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ކްލިނިކްތަކަށް ކުރާ ހޭދަ އަހަރަކު 18 އިންސައްތައިގައި އިތުރުވަމުންދާކަން އޮޑިޓުން ވަނީ ހާމަވެފައެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، 2019 އިން 2024 އަށް ބޭސްފަރުވާއަށް ދައުލަތުން 35.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ސަރުކާރު ހޮސްޕިޓަލްތައް ހިންގުމުގެ ހަރަދާއި، އާސަންދަ ސްކީމުން ބޭރުން ބޭސްފަރުވާއަށް ކުރާ ހަރަދުތައް ވެސް ހިމެނެއެވެ. މި މުއްދަތުގައި ބޭސްފަރުވާއަށް އެވެރެޖުކޮށް އަހަރަކު 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

