މާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި / ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު (23އ) އާއި ހ. ސަކީނާމަންޒިލް / މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު (31އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އެ ތަނުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

