ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދޭ ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހުޅުވާލައިފިއެވެ. “ވޯލްޑް ޓޮބޭކޯ ޑޭ އެވޯޑް” އަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ދެވޭ އެވޯޑެކެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މި އެވޯޑުގެ މައިގަނޑު މަޤްސަދަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމެވެ. މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ފަރުދުންނާއި، ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.
މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ “އަންމާސްކިންގ ދަ އެޕީކް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން” އެވެ. އެޗްޕީއޭއިން ބުނީ މި ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.
މި އެވޯޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޑަބްލިއުއެޗްއޯގެ ރަސްމީ ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ މި ހިނގާ ފެބްރުއަރީ މަހުގެ 16 ވާ ހުކުރު ދުވަހެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހާ ގުޅުވައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުންފަތުގެ ނުރައްކަލާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ.

