ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މިހާތަނަށް ޖުމްލަ 280 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ. މިއީ މުޅި ރާއްޖޭގައިވެސް މިވަގުތު ކުރިއަށްދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ޖުމްލަ 4 ކުންފުންޏަކުން ދަނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި، އިންޑިއާގެ މޯހަން މުތާގެ އިތުރުން ޗައިނާ ހާބަރ އިންޖިނިއަރިންގް ހިމެނެއެވެ.
މިހާރު އެންމެ ބާރު ސްޕީޑުގައި ކުރިއަށްދަނީ އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ "ސައިޓް އޭ" ގެ މަސައްކަތެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހާ ހަމައަށް އެ ސަރަޙައްދުން 64 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާލާފައެވެ. މިއީ އެ ސައިޓުގައި ހިއްކުމަށް ކަނޑައަޅާފައިވާ 138 ހެކްޓަރުގެ ބިމުގެ 47 އިންސައްތައެވެ.
މި މަސައްކަތް އަވަސްކުރުމަށްޓަކައި އެމްއޭސީއެލްއިން ދަނީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ، އެއްފަހަރާ 46,000 އަކަ މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ "ކްރިސްޓަބަލް ކޮލޮން" ބޭނުންކުރަމުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު މި ސައިޓުގެ މަސައްކަތް ފެށިފަހުން، ކޮންމެ ދުވަހަކު އެވްރެޖްކޮށް ދޮޅު ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ދަނީ ހިއްކަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް މާރިޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ. ބިން ހިއްކުމުގެ މަސައްކަތާއެކު، ރަސްމާލޭގެ މާސްޓަރޕްލޭން އެކުލަވާލުމަށްޓަކައި ބޭރުގެ ކޮންސަލްޓަންޓަކު ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

