ހުޅުމާލޭގައި ހިންގަމުންދާ ސްޕާ އަދި ސެލޫންތަކެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މިއީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ހިންގުނު ހަރަކާތެކެވެ. މި އޮޕަރޭޝަންގައި އިއްޔެ ހުޅުމާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގަމުންދާ ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިދާރީ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އަނބުރާ އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތައް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން ހަރަކާތްތެރިވެ، އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މިފަދަ އޮޕަރޭޝަންތަކުގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

