ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސްކަމުގެ މަގާމަށް، ގ. އާބިން، ޑރ. އާއިޝަތު ރަމީލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ޑރ. ރަމީލާ އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ. މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ދިރާސާކުރުމަށްފަހު، އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޑރ. ރަމީލާ އެޗްއާރްސީއެމްގެ ރައީސްކަމަށް އައްޔަންކުރަން ފެންނަ ކަމަށް 38 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ޑރ. ރަމީލާއަކީ ދައުލަތުގެ މަތީ މަގާމުތަކެއް ކުރިންވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމާއި، އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން އޭނާ ކުރެއްވިއެވެ. މީގެ އިތުރުން އެވިޑް ކޮލެޖްގެ ޑީންގެ މަގާމުވެސް ފުރުއްވާފައިވާ ރަމީލާއަކީ 2010 ވަނަ އަހަރު މެލޭޝިއާއިން ސޯޝަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ހިދުމަތުގެ ދާއިރާއަށް ނުކުމެވަޑައިގަތީ ނަރުހެއްގެ ގޮތުގައެވެ.
މި ސަރުކާރުގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރުކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ޑރ. ރަމީލާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ތެރޭގައި ސިއްހީ ސަބަބުތަކަކާ ގުޅިގެންނެވެ.

