މެދުރާއްޖެއާ އުތުރުގެ އަތޮޅުތަކުގެ ވައި ވަރަށް ބޮޑަށް ނުސާފުވުމާއި ގުޅިގެން، އާންމުކޮށް ހުރިހާ ފަރާތްތަކުގެ ސިއްޙަތަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. މިދުވަސްވަރު ރާއްޖޭގެ ވައިގެ ކޮލިޓީ ދަށްވެފައިވާތީ، ބޭރުގައި ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމާއި ކަސްރަތުކުރުމަށް ބޭރަށް ދިޔުން މަޑުޖައްސާލުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކުރައްވާފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ބުދަ ދުވަހު ދުރުފެންނަ މިންވަރު 1.5 ކިލޯމިޓަރަށްވުރެ ދަށްވެފައިވާއިރު، މެދުރާއްޖެއާއި އުތުރުގެ ސަރަޙައްދުތަކުގެ ވައިގެ ކޮލިޓީ ވަނީ “ރެޑް އެލާޓް” އަށް އަރާފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 5 ދުވަހުވެސް ވައިގެ ނުސާފުކަން ނުރައްކާތެރި މިންވަރެއްގައި ހުންނާނެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ވައި ނުސާފުވުމުގެ ސަބަބުން ނޭދެވޭ ސިއްޙީ އަސަރުތައް ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށްވެސް އެބައޮތް ކަމަށެވެ. އެހެންކަމުން ބޭރަށް ނިކުމެ އުޅޭއިރު “N95 މާސްކު ނުވަތަ އެފަދަ މާސްކެއް ބޭނުންކުރުމަށް” އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން، ގޭތެރެއަށް ނުސާފު ވައި ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއަރ ޕިއުރިފަޔަރ ބޭނުންކުރުމަށްވެސް ވަނީ ލަފާދީފައެވެ.
ޚާއްޞަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކުގެ އިތުރުން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން މިދުވަސްވަރު ބޭރަށް ނުދިޔުމަށް ސިއްޙީ މާހިރުން އަންނަނީ އިރުޝާދު ދެމުންނެވެ. ވައިގެ ނުސާފުކަން ބަލާ ސިސްޓަމްތަކުން ދައްކާގޮތުގައި، ބުދަ ދުވަހުގެ މެންދުރު މާލެ ސަރަޙައްދުގެ އެއަރ ކޮލިޓީ ހުރީ 193 ގައެވެ. އަދި ދ. ކުޑަހުވަދޫގައި މިއަދަދު ހުރީ 162 ގައެވެ.
ރާއްޖޭގެ ވައި މިދުވަސްވަރު ނުސާފުވަނީ އިރުވައި މޫސުމުގައި އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުންނެވެ. މިއީ ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ މައްސަލައެކެވެ.

