ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސް މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ހައްޤުވާ ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އުސޫލު އިސްލާހުކޮށްފިއެވެ. މީގެ ކުރިން އަމަލުކުރަމުން އައި ގޮތުން މަޤާމުގެ ކުރިއެރުން ދެމުން އައީ މާލީ ވުޒާރާއިން އެކަމަށް ހުއްދަ ދޭ ތާރީޚުން ފެށިގެންނެވެ.
ސީއެސްސީން ގެނައި މި ބަދަލާއެކު، މާލީ ވުޒާރާގެ ހުއްދައާއެކު ކޮމިޝަނަށް ހުށަހެޅުމުން، މުވައްޒަފަށް ކުރިއެރުން ދޭނީ އެ މުވައްޒަފަކަށް ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެންނެވެ. މީގެ ސަބަބުން އިދާރީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ލަސްވުމުގެ ސަބަބުން މުސާރައިގެ ކުރިއެރުން ލިބުން ލަސްވި ނަމަވެސް، އެ މުއްދަތަށް ނުލިބިވާ މުސާރަ ފަހުން މުވައްޒަފަށް ލިބިގެންދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާންމުކުރި މި އުސޫލުގެ ދަށުން މުސާރައިގެ ކުރިއެރުން ކަމުގައި ބަލަނީ މަޤާމުގެ އެލަވަންސްގެ އެއްވަނަ ހަރުފަތުން ދެވަނަ ހަރުފަތަށް، އަދި ދެވަނަ ހަރުފަތުން ތިންވަނަ ހަރުފަތަށް ލިބޭ ކުރިއެރުމަށެވެ. މި ކުރިއެރުން ލިބުމުގެ ޝަރުތަކީ މަދުވެގެން ދެ އަހަރު ދުވަހު މަސައްކަތްކޮށް، ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން ދެ އަހަރު 85 އިންސައްތައަށްވުރެ މަތިން މާކްސް ހޯދުމެވެ.
މީގެ އިތުރުން، އައު ޕޭ ފްރޭމްވޯކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި އިދާރާތަކުން ބަޖެޓަށް އަންދާޒާ ކުރަންޖެހެއެވެ. އެގޮތުން ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރާއިރު، ކުރިއެރުން ދޭންޖެހޭނެ ކަމަށް ބެލެވޭ މުވައްޒަފުން ފާހަގަކޮށް، އެކަމަށް ހިނގާނެ ޚަރަދު ބަޖެޓުގައި ހިމަނަންޖެހެއެވެ. ބަޖެޓުގައި ނުހިމެނޭ ހާލަތްތަކުގައި ކުރިއެރުން ދެވޭނީ މާލީ ވުޒާރާގެ ވަކި ހުއްދައެއް ލިބިގެންނެވެ.
ސިވިލް ސާވިސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، މިހާރު އަމަލުކުރަން ފަށާފައިވާ މި އިސްލާހުގެ ފައިދާ މިހާރު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށާއި ކުރިއަށް އޮތް ތަނުގައި ބަދަލުވާނެ މުވައްޒަފުންނަށްވެސް ކުރާނެއެވެ. މި ވަގުތު މި އުސޫލުގެ ޝަރުތުތައް ފުރިހަމަވާނީ މައިގަނޑު ގޮތެއްގައި މުދައްރިސުންނަށާއި ސިއްޙީ ޚިދުމަތްތެރިންނަށް ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.

