ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން 1،055 އެޕާޓްމަންޓެއްގެ ތަޅުދަނޑި ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުމިނެއްގައި ކުރިއަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އެގްރީމަންޓުތަކުގައި ސޮއިކޮށް ޑިޕޮޒިޓް ފައިސާ ދައްކާފައިވާ ހުރިހާ ފަރާތްތަކަށް ތަޅުދަނޑި ލިބޭނެ ތާރީޚު މިހާރު އެ ކުންފުނީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ބަލައިލެވޭނެ ކަމަށެވެ. މިހާތަނަށް 2،349 އެޕާޓްމަންޓެއްގެ ތަޅުދަނޑި ހަވާލުކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.
ހަމްދާން ވިދާޅުވި ގޮތުގައި މިހާރުގެ އަމާޒަކީ ދުވާލަކު 600 މީހުންނާ ތަޅުދަނޑި ހަވާލުކުރުމެވެ. "އަޅުގަނޑުމެން މަސައްކަތްތައް އަވަސްކޮށް، މިހާރު ތަޅުދަނޑިތައް ކޮންމެ ދުވަހަކުވެސް ޝެޑިއުލްކޮށްގެން ހަވާލުކުރަމުން މިދަނީ. އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ ދުވާލަކަށް 600 ޔުނިޓު ހަވާލުކުރުން. މިހާރުވެސް 1،055 ޔުނިޓު މިވަނީ ހަވާލުކޮށްފައި،" އޭނާ ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވާތީ، ތަޅުދަނޑި ހަވާލުކުރަން ކަނޑައަޅާފައިވާ ގަޑިއަށް ނާދެވޭ ފަރާތްތަކަށް ލުއިތަކެއް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ތާރީޚު ބަދަލުކުރުމުގެ ފުރުސަތާއި، ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެފްޑީސީން ބުނެއެވެ. މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، މި މަހުގެ ފުރަތަމަ ދެ ހަފުތާ ނިމޭއިރު ޑިޕޮޒިޓް ދެއްކި ހުރިހާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށް ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
އަމާން ދޯދި އަދި އަމާން އުދަރެސް ޓަވަރުތަކާ ގުޅޭގޮތުން ހަމްދާން ވިދާޅުވީ، ކުރީ ސަރުކާރުން މަޝްރޫއުގެ ސްކޯޕްގައި ނުހިމަނާ އޮތް ކަރަންޓާއި ފެނާއި ނަރުދަމާގެ މަސައްކަތްތައް މި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. މި އެޕާޓްމަންޓުތަކުގެ އަގުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ލުއިތަކެއް ދެއްވާފައެވެ. އެގޮތުން 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ ޑައުންޕޭމަންޓަކީ 8،500 ރުފިޔާ ކަމަށް ހަމަޖައްސަވާފައިވާއިރު، 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ ޑައުންޕޭމަންޓަކީ 6،000 ރުފިޔާއެވެ.

