އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި، ސަރުކާރުގެ ގެޒެޓުގެ އިތުރުން ރަށްރަށުގެ ކައުންސިލް އިދާރާތަކުން ފެންނަން ހުންނާނެއެވެ. އަދި 1414 އަށް އެސްއެމްއެސް ކޮށްގެންވެސް ރަޖިސްޓްރީވެފައިވާ ތަން ބަލާލެވޭނެއެވެ.
ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، މި މަހުގެ 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުމަށް ހުށަހަޅާއިރު، އެކަން ސާބިތުވާނެ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް ކޮމިޝަނުން ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންޖެހޭނީ ޕާޓީތަކަށް ޚާއްޞަ ކުރެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.
އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން، މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މީގެ ތެރެއިން 133 ރަށަކަށް 3 ކައުންސިލަރުން އިންތިޚާބު ކުރާއިރު، 46 ރަށަކަށް 5 ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ.
ސިޓީތަކަށް ބަލާއިރު، މާލެ ސިޓީއަށް 18 ކައުންސިލަރުން، އައްޑޫ ސިޓީއަށް 11 ކައުންސިލަރުން، ފުވައްމުލައް ސިޓީއަށް 9 ކައުންސިލަރުން، އަދި ކުޅުދުއްފުށި ސިޓީއާއި ތިނަދޫ ސިޓީއަށް ކޮންމެ ސިޓީއަކަށް 7 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރާނީވެސް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރާ އަދަދަށެވެ.

