ކުރިއަށް އޮތް ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ބީފާން ވޮލީ މުބާރާތް 2026 ގައި ވާދަކުރާ ފުވައްމުލަކު ފުނާޑު ޓީމުން މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ހާމަކޮށްފިއެވެ.
އަންހެން ޑިވިޝަނުގައި ވާދަކުރާ މި ޓީމުގެ އަމާޒަކީ މިއަހަރުގެ މުބާރާތުގެ ތަށި ކާމިޔާބުކުރުން ކަމަށް ޓީމުގެ މެނޭޖްމަންޓުން ބުނެއެވެ. ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފުނާޑު ޓީމުގެ މެނޭޖަރ ޒުލައިޚާ އަޙްމަދު ވިދާޅުވީ، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ފަރިތަކުރުންތައް ބާރަށް ކުރިއަށްދާ ކަމަށެވެ.
“ޕްރެކްޓިސް މެޗްތަށް ވެސް ކުޅެމުން މިދަނީ، ރަށުގެ އެހެން ޓީމުތަކާ އެއްކޮށް ވެސް” މެނޭޖަރ ވިދާޅުވިއެވެ.
މީގެ އިތުރުން ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، ޓީމުގެ “ޓާގެޓަކީ ތަށި” ކަމަށްވެސް މެނޭޖަރ ފާހަގަކުރެއްވިއެވެ.
މި މުބާރާތުގައި ފުނާޑު ޓީމުން ފެންނާނެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ރާއްޖޭގެ ޤައުމީ ޓީމުގެ ތަރި އާމިނަތު ޝަހާ ޝާމިން އެވެ. ޝަހާ އަކީ އެންމެ ފަހުން ރާއްޖޭގައި ބޭއްވުނު ކާވާ ވިމެންސް ކަޕް 2025 ގައި ބެސްޓް އޮޕޮސިޓް ޕްލޭޔަރުގެ މަޤާމު ޙާސިލުކޮށްފައިވާ ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. ޝަހާގެ އިތުރުން، އިރާނުގެ މޮޅު ކުޅުންތެރިއަކާއި ރަށު ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ވެސް މި ޓީމުން ފެންނާނެ ކަމަށް މެނޭޖަރ ވިދާޅުވިއެވެ.
މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަ ދަައްކަމުން މެނޭޖަރ އިތުރަށް ވިދާޅުވީ، ޖެނުއަރީ 13 ވަނަ ދުވަހު ފިޔޯރީއަށް ދާން ތައްޔާރުވެފައިވާކަމަށެވެ.
2 ޑިވިޝަނަށް ހުޅުވާލައިގެން މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބީފާން މުބާރާތަކީ ރާއްޖޭގެ އެންމެ ދެކުނަށް އޮންނަ ހަތަރު އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ޓީމް ލިސްޓެއްގައި ރަށުން ބޭރު 3 ކުޅުންތެރިން ހިމެނޭއިރު ކޮންމެ ޓީމެއްގައި ގިނަވެގެން ހިމެނޭނީ 2025 ވަނަ އަހަރުގައި އެކުލަވާލައިފައިވާ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 2 ކުޅުންތެރިން ނުވަތަ 2025 ވަނަ އަހަރުގައި އެކުލަވާލައިފައިވާ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 1 ކުޅުންތެރިން އަދި ދިވެހި ރާއްޖެއިން ބޭރު އެއްކުޅުންތެރިންނެވެ. މީގެ އިތުރުން ރަށު މީހަކާއި އިނދެގެން ނުވަތަ މަންމަ ބައްޕަ އެރަށެއްގައި ނަމަ ރަށު ކުޅުންތެރިޔަކަށް ކުޅެވިދާނެއެވެ.
ބީފާން މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމްތަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

