މާލޭގެ ގަލޮޅު ހަލަވެލި ގޯޅި ތެރޭގައި ބަޔަކު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރި މީހަކު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ، ގ. ޝާރާޒް، އަލީ އިމްރާން ވަހީދު އެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 2026 ޖެނުއަރީ 6 ވީ ހޯމަ ދުވަހުގެ ރޭގަނޑު 20:59 އެހާކަންހާއިރުއެވެ. މި ހާދިސާގައި ބަޔަކު މީހުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގައި މާރާމާރީ ހިންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަނީ ޒުވާން ފިރިހެނަކު ދުވަސްވީ އަންހެނެއްގެ ގައިގައި ތަޅައިގަނެ އަނިޔާކުރާ މަންޒަރެވެ. އަދި އެ ދެމީހުންގެ މެދުގައި ބޮޑު ޒުވާބެއް ހިނގައި، އެކަން ހުއްޓުވަން އެ ސަރަހައްދުގައި ހުރި އެހެން މީހަކު މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި މާރާމާރީގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

