ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ ދަތިތަކަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ފަރާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ވަފުދު، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާ ވަކިވަކިން ބައްދަލުކުރައްވައިފިއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ދަޢުވަތަކަށް މި މަހުގެ ހަވަނަ ދުވަހު ރާއްޖެ އައި މި ވަފުދުގައި ހިމެނެނީ ތިއާގޯ އަވިލާ، ސައީދު އަބޫކޭޝެކް، މުހައްމަދު ނާދިރު އަލް-ނޫރީ އަދި ކްލިއޮނިކީ އެލެކްސޯޕޯލޯއެވެ. މިއީ މި ހަރަކާތުގެ ސްޓިއަރިންގ ކޮމިޓީގައި ހިމެނޭ އިސް ފަރާތްތަކެވެ.
ޚާރިޖީ ވުޒާރާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ފްލޮޓިލާގެ ވަފުދަށް މަރުޙަބާ ވިދާޅުވެފައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ ސަމާލުކަން ގެނައުމަށް އެ ހަރަކާތުން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އިންސާފާއި އިންސާނީ ކަރާމާތް ނެގެހެއްޓުމުގައި ގްލޯބަލް ސުމޫދު ފްލޮޓީލާއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު ސާބިތުކަމާއެކުގައިކަން ކަށަވަރު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބައިނަލްއަޤްވާމީ މަންސަތަކުގައި ފަލަސްތީނުގެ ހައްޤުގައި ވަކާލާތު ކުރައްވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ވަގުތުން ތަޞްދީޤް ކުރެއްވިކަން ފާހަގަކުރައްވައި، މަޖިލިސް ރައީސް ވިދާޅުވީ "މިއީ ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްޤުގައި އެޅި ނުހަނު މަތިވެރި ފިޔަވަޅެއް" ކަމަށެވެ.
މި ޒިޔާރަތުގެ ތެރެއިން ފްލޮޓިލާގެ ވަފުދުން ސަރުކާރުގެ އިސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާ ބައްދަލުކޮށް، އެ ފަރާތުގެ މަޤުސަދުތަކާއި ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ޙިއްޞާ ކުރާނެއެވެ. އައިއޭސީން ބުނިގޮތުގައި މި ދަތުރުގެ އެއް ބޭނުމަކީ މިއަހަރުގެ ބަހާރު މޫސުމަށް ރާވާފައިވާ ކަންކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ ޣައްޒާގައި ދިގުލައިގެން ގޮސްފައިވާ އިންސާނީ ކާރިސާއަށް ދޭ ދެމެހެއްޓެނިވި، ސުލްހަވެރި ބައިނަލްއަޤުވާމީ އިޖާބައެކެވެ. މި ހަރަކާތުން ދަނީ ޣައްޒާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދުނިޔޭގެ ފެންވަރުގައި ވަކާލާތު ކުރަމުންނެވެ.

