ނިމިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް ކުރި ދަތުރުތަކުގެ އަދަދު 15,000 އަށްވުރެ މައްޗަށް އަރައިފިކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %3.6 އިތުރު އަދަދެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް ޖުމްލަ 15,689 ދަތުރު ކޮށްފައިވެއެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ކޮށްފައިވަނީ 15,143 ދަތުރެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި ޝެޑިއުލް ފްލައިޓްތަކުގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2025 ގެ ނޮވެމްބަރުގެ ނިޔަލަށް ޝެޑިއުލް ކޮށްގެން 14,400 ދަތުރު ރާއްޖެއަށް ކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ 13,896 ދަތުރާ އަޅާބަލާއިރު %3.6 ގެ ކުރިއެރުމެކެވެ.
ޝެޑިއުލް ދަތުރުތަކުގެ އިތުރުން، ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓަރު ފްލައިޓްތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް މިފަދަ 1,289 ދަތުރު ވަނީ ރާއްޖެއަށް ކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ރިކޯޑު ކުރެވުނު 1,247 ދަތުރާ އަޅާބަލާއިރު %3.3 އިތުރު އަދަދެކެވެ.
ބައިނަލްއަޤްވާމީ ފްލައިޓް މޫވްމަންޓްތަކަށް މި އައި ކުރިއެރުމާއެކު، ރާއްޖެއަށް މިހާރު ދަތުރުކުރާ ގިނަ އެއާލައިންތަކުން ދަނީ ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތަކުގެ ފްރީކުއެންސީ އިތުރުކުރަމުންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމާއެކު، ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ހުރިހާ އެއާލައިންތަކެއްގެ އޮޕަރޭޝަންތައް މިހާރު ވަނީ އައު ޓާމިނަލަށް ބަދަލުކޮށްފައެވެ. މީގެ ސަބަބުން އެއާލައިންތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އިތުރު ފްލައިޓްތަކަށް ފުރުޞަތު ފަހިވެގެންދާނެއެވެ.

