އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީއެވެ. އަދި އަވަސް އެންޓަރޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޔާނިއު ރަމީޒްއެވެ.
މި އެއްބަސްވުމުގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ރަސްމީކޮށް ފަށާނެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒަކާތް ދައްކާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.
ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި، އަވަސް އެންޓަޕްރައިސަސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދައްކާއިރު އާންމުންގެ އަތުން އިތުރު އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި އެ ޕްލެޓްފޯމުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާ ޒަކާތު ހައުސްއަށް ބަދަލު ކުރުމުގައިވެސް އެއްވެސް ފީއެއް ނުނަގާނެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޒަކާތް ދައްކާ ފަރާތްތަކުން ދައްކާ ފައިސާ ޒަކާތުގެ ބެހެނިވެރީންނަށް ފުރިހަމައަށް ފޯރުކޮށްދެވޭނޭކަން ކަށަވަރު ކުރުމެވެ.
މި މަސައްކަތަކީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާންމުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އިތުބާރު ހުރި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން ހިފައިގެން، ޒަކާތް ދެއްކުމުގެ ކަންކަން ފަސޭހަ، ދެފުށް ފެންނަ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ އެ އިދާރާގެ އަމާޒެކެވެ.
ޒަކާތު ހައުސްއިން އިތުރަށް ވިދާޅުވީ، ޒަކާތުގެ ޚިދުމަތްތަކަކީ ބޭނުންކުރަން ފަސޭހަ އަދި އެންމެންނަށް ބައިވެރިވެވޭ ޚިދުމަތްތަކަކަށް ހެދުމަށާއި، ޒަކާތުގެ ފައިސާ ވަގުތުން ބަލައިގަނެ، ޒަކާތުގެ ބެހެނިވެރީންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އައު އީޖާދީ ހައްލުތަކާއި އިސްތިރާޖީ ގުޅުންތައް ޤާއިމްކުރަމުންދާ ކަމަށެވެ.

