ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިތިބެވޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ މިމަހުގެ 5 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޚާއްޞަ ޖަލްސާއެއްގައި ފާސްކުރި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. މިގޮތުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް މި ޤާނޫނުގެ ދަށުން މިހާރު ވަނީ ކަނޑައެޅިފައެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި އުސޫލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކުރިން އަދާކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. ނަމަވެސް، ސިފައިން، ފުލުހުން، ފަނޑިޔާރުން އަދި ޤާނޫނު އަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި މުއްދަތަކަށް ޢައްޔަން ކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތައް މި ބިލުން އިސްތިސްނާވާނެއެވެ.
މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ އިތުރުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ލިބޭ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް އަލުން ވަޒީފާ ދިނުމުގެ ފުރުޞަތު މި ބިލުން ފަހިކޮށްދެއެވެ.
ރައީސުލްޖުމްހުރިއްޔާ މި ބިލު ތަސްދީޤު ކުރެއްވުމާ ގުޅިގެން، މިއަދުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.

