ޓިކްޓޮކްގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ށ. ފޯކައިދޫއަށް ނިސްބަތްވާ އަލީ އަމްޖަދު (އަމްޖު) މިއަދު ކުއްލި ގޮތަކަށް މަރު ވެއްޖެއެވެ. އަމްޖު މަރުވިކަން އައިޖީއެމްއެޗް އިން މިހާރު ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްޖު މަރުވީ ތިލަފުށީގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ހަބަރު ހުސްވެގެން ވެއްޓިފައި އޮއްވާ ފެނިގެން، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ފެނުނީ އޭނާ މަސައްކަތް ކުރާ ސައިޓް ކައިރީގައި، އޭނާ އުޅޭ ދޯނީގެ ތެރެއަށް ވެއްޓިފައި އޮއްވާ ކަމަށް އޭނާގެ ގާތް މީހަކު މައުލޫމާތު ދީފައިވެއެވެ.
އަމްޖު އަކީ ރާއްޖޭގައި ޓިކްޓޮކް އާންމުވެގެން ދިޔަ ދުވަސްވަރު އޭނާގެ އަނބިމީހާ ހަބީބާ (ހަބިއްތަ) އާއެކު ދެއްކި ލޯބީގެ ވާހަކަތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ފަރާތެކެވެ. ޓިކްޓޮކް ލައިވްތަކުގައި ވަރަށް އެކްޓިވްކޮށް އުޅުނު އަމްޖު އާއި ހަބިއްތަގެ ކައިވެންޏަކީ ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވި ކައިވެންޏެއްވެސްމެއެވެ.
އަމްޖުގެ ކުއްލި މަރުގެ ހަބަރާއެކު ޓިކްޓޮކްގެ ގިނަ ބަޔަކު ދަނީ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. އަމްޖު މަރުވި އިރު އޭނާގެ ކުރީގެ ކައިވެންޏަށް ފިރިހެން ދަރިއަކު އެބަހުއްޓެވެ.
އަމްޖުގެ ހަށިގަނޑު މިހާރު ވަނީ އާސަހަރާއަށް ގެންގޮސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ އަނބިމީހާ ހަބިއްތަ މިހާރު ދަނީ މާލެ އައުމަށް ދަތުރުކުރަމުންނެވެ. އެހެންކަމުން އަމްޖުގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.
މާތްﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ނިއުމަތް މިންވަރުކޮށްދެއްވާދޭނވެ. އާމީން!


