ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “ޖޮބް ރެޑިނަސް” ޕްރޮގްރާމްގެ ތިންވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމަށް ހިންގާ މުހިންމު މަޝްރޫއެކެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ކުރެވިފައިވާ އޮންލައިން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖަނަވަރީ 12 ވަނަ ދުވަހެވެ. މި ޕްރޮގްރާމަކީ ޖުމްލަ 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުގައި ބާކީ ނުވާނޭހެން، އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ކުރިން ބޭނުންވާ ތައްޔާރީތައްވުމަށް މި ޕްރޮގްރާމް އެހީތެރިވެދޭނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 1433 އަށް ގުޅުމަށް ވަނީ އެދިފައެވެ.
މި މަސައްކަތުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ޑިސެމްބަރު 3 ވަނަ ދުވަހު އާއްމުކުރެއްވި ޚިތާބުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، “މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 350 ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާ” ކަމަށެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުން އަންނަނީ މި ދާއިރާއިން ބޮޑު އެއްބާރުލުމެއް ދެމުންނެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު 11 ގައި ސްޓެލްކޯ މެދުވެރިކޮށް 30 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވާއިރު، ނޮވެމްބަރު 27 ގައި އާރުޑީސީން ވަނީ ހަތަރު މީހަކަށް ވަޒީފާ ދީފައެވެ. މީގެ އިތުރުން، އެމްޕީއެލްގެ “ފަހި ޕްރޮގްރާމް” ގެ ދަށުން ނޮވެމްބަރު 20 ވަނަ ދުވަހު 40 މީހަކަށް ވަޒީފާގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

