ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވޭތުވެދިޔަ 20 ދުވަސް ތެރޭގައި 6،000 އަށްވުރެ ގިނަ މެމްބަރުން ގުޅިފައިވާ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ “ނިއުޅެމުންދާ ޚަބަރު” ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަލާހު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު އެ ޕާޓީގައި 74،000 އަށްވުރެ ގިނަ މެމްބަރުން އެބަތިބި ކަމަށެވެ. މިއާއެކު ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަން އޭނާ ފާހަގަކުރެއްވިއެވެ.
“މިދިޔަ ގާތްގަނޑަކަށް ވިއްސަކަށް ދުވަސްތެރޭގައި ޕީއެންސީއަށް ވެދެވަޑައިގެންފި ގާތްގަނޑަކަށް 6،000 މެމްބަރުން،” ފަލާހު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ޕާޓީގައި ތިބީ އެންމެ 3،000 މެމްބަރުން ކަމަށާއި، ނަމަވެސް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 70،000 އަށްވުރެ ގިނަ މީހުން ޕާޓީއާ ގުޅިފައިވާ ކަމަށެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުވަމުންދާ މިންވަރަކީ ދިވެހިންގެ މެދުގައި އެ ޕާޓީއަށް އޮތް ތާއިދާއި މަގުބޫލުކަން ހާމަވާ ކަމެއް ކަމަށް ފަލާހު ވިދާޅުވިއެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ އުސޫލުތަކާއި ދުރުވިސްނޭ ސިޔާސަތުތައް ކަމަށާއި، ރާއްޖޭގެ ކުރިމަގަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ރައްޔިތުން ބަލައިގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޖީ ލީޑަރު ފަލާހު ވިދާޅުވި ގޮތުގައި ޕީއެންސީގެ ކުރިއަށް އޮތް އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ނިމެންވާއިރަށް ޕާޓީގެ މެމްބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމެވެ.

