މިއަހަރުގެ ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ގޭބީސީތަކަށް 118،000 މަސްދަޅު ކޭސް ބަހާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފި އެވެ. މިކަން ހާމަ ކުރެއްވީ ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރުއެވެ.
ސަރުކާރުގެ ފަރާތުން ކޮންމެ ރަމަޟާން މަހަކުވެސް ދެމުން އަންނަ ރޯދަ ހަދިޔާގެ ދަށުން، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމާފައެވެ. ފަރުޙަތު ވިދާޅުވީ މި މަސައްކަތަށް ބޭނުންވާ މަސްދަޅުތަކުގެ ޕްރޮޑަކްޝަން މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި ގޮތުގައި، މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުރިހާ މަސްދަޅު ކޭހެއް އުފައްދާ ނިންމާލެވޭނެއެވެ. “ގާތްގަނޑަކަށް ޕްރޮޑަކްޝަން ނިމިފި މިހާރު އެހުރީ. މިމަހުގެ 15ގައި، އެއީ މިހާރު އަޅުގަނޑުމެން މި އުފައްދާ 118،000 ވަރަކަށް މަސްދަޅު ކޭސްތައް އުފައްދާ ނިންމާލެވޭނެ. އެއީ މިދިޔަ އަހަރު އުފެއްދި ކޭހާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރު އަދަދެއް،” ފަރުޙަތު ވިދާޅުވިއެވެ.
މި މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި އެސްޓީއޯއާ ގުޅިގެންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ފަސޭހައިން މި ހަދިޔާ ފޯރުކޮށްދިނުމަށްޓަކައި، އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައި މިހާރުވެސް ބައެއް ސްޓޮކް ރައްކާކުރެވިފައިވާ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ފަރުޙަތު ވިދާޅުވިއެވެ. މިއީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ރަމަޟާން މަހު ސަރުކާރުން ވަނީ ޖުމްލަ 111،231 މަސްދަޅު ކޭސް ބަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ގޭބިސީތަކަށް ދޫކުރި 50،519 ކޭހާއި، އަތޮޅުތަކުގެ ގޭބިސީތަކަށް ފޯރުކޮށްދިން 60،712 މަސްދަޅު ކޭހެވެ. މިއަހަރު ބަހާ އަދަދަކީ މިދިޔަ އަހަރަށްވުރެ އިތުރު އަދަދެކެވެ.

