ޤާނޫނާއި ޚިލާފަށް މާލެ ސިޓީގައި ހިންގަމުންދިޔަ 104 މަސާޖް ޕާލާއެއް ބަންދުކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން މިއަދާ ހަމައަށް 922 ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މައްސަލަތަކަކީ ކުރީގެ ސަރުކާރުތަކުންވެސް ހުއްޓުވަން މަސައްކަތްކޮށް، ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމުގެ ސަބަބުން ހައްލު ނުވެ ހުރި ކަންކަން ކަމަށެވެ. ސަރުކާރުން މިހާރު ގެންދަނީ ޤާނޫނު ތަންފީޒުކޮށް، މުޖުތަމަޢުގައި ހުރި މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޕޯޓުކުރި ބިދޭސީންގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އޭގެ ތެރޭގައި ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ބަޔޯމެޓްރިކްސް ނުދީ މާލޭގެ މަގުތަކުގައި އުޅެމުންދިޔަ 362 ބިދޭސީންވެސް ހިމެނޭ ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި މާލެއިން 104 މަސާޖް ޕާލާ ބަންދުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޑިސެމްބަރު 9 އަކުންފެށިގެން، ގާތްގަނޑަކަށް 1 މަސްތެރޭގައި މާލެ ސިޓީން 104 މަސާޖް ޕާލަރ ބަންދުކޮށްފިން. މިއީ ހާދަ ބައިވަރު ތަންތަނޭ. މިތަންތަން ހިނގީ ގައިމު މުޖުތަމަޢު ތެރޭގައި މިކަމަށް ފުރުސަތު އޮތީމަ. އެހެންވީމަ އަޅުގަނޑުމެން އެންމެން ވާންއެބަޖެހޭ މިޤައުމުގައި ހުރި ނުބައި އާދަތައް ނައްތާލުމުގެ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައިވާ ބަޔަކަށް،" ރައީސް ވިދާޅުވިއެވެ.
މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބްރިޖަކުން ގުޅާލެވޭ ގޮތަށް މާލެ ކައިރިން ގޯތި ދީފައިވާ ތަންތަން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، ގޯތި ދެވޭނެ މަގު ފަހިވާނެ ކަމަށެވެ. މީގެ އިތުރުން އުތުރު ތިލަފަޅާއި ރަސްމާލެ މަޝްރޫޢުގެ މަސައްކަތްތައްވެސް ބާރުސްޕީޑުގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރަސްމާލެއިން ދޫކުރާ 15,000 ގޯއްޗާއި މާލެ ސަރަޙައްދުގައި ތަރައްޤީކުރާ 7,900 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. މި ދައުރު ނިމޭއިރު މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

