މާލޭގެ އާޓިފިޝިއަލް ބީޗް ކުރިމަތީގައި ހުންނަ ހ. ވެޔޮވިލާގައި ގާއިމުކޮށްފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. ދެ ފަންގިފިލާއަށް ފަރުމާކޮށްފައިވާ މި އޮފީސް ހުޅުވައިދެއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ޕާޓީއަށް ތާއިދުކުރާ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އޮފީހަކީ ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް ލިބުނު މުހިންމު ވަސީލަތެއް ކަމަށެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އޮފީސް ވެގެންދާނީ ޑިމޮކްރެސީގެ ރިވެތި އުސޫލުތަކުގެ މަތިން ސިޔާސީ ޕާޓީއެއް އެންމެ ފުރިހަމައަށް އަދި އެންމެ ޒިންމާދާރުކަމާއެކު ހިންގުމަށް ބޭނުންކުރެވޭނެ ތަނަކަށެވެ. “މި އިމާރާތް މިހާ ފުރިހަމައަށް ހަދައި، ޕާޓީގެ މެންބަރުންނަށް ބޭނުން ކުރެެވޭނެ ގޮތަށް މަގުފަހި ކުރުމަށްޓަކައި މި ކުރެވުނު މަސައްކަތުގައި ހަރަކާތްތެރިވި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން،” ރައީސް ވިދާޅުވިއެވެ.
މި އޮފީހުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން، އިމާރާތުގެ ތިރީ ފަންގިފިލާ ބޭނުން ކުރާނީ ޕާޓީގެ ޖަގަހައެއްގެ ގޮތުގައެވެ. އަދި މަތީ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ޕާޓީގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާ އޮފީހެއްގެ ގޮތުގައެވެ.
ކޮންގްރެސް ޕާޓީގެ މައި އޮފީސް މި ހުޅުވުނީ އެ ޕާޓީގެ މެންބަރުން އިތުރުކުރުމުގެ މަސައްކަތާއި، ކުރިއަށް އޮތް ސިޔާސީ ހަރަކާތްތަކަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

