ރާއްޖޭގެ ތިން ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކަކީ ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މަސައްކަތް ހަވާލުކޮށްފައިވަނީ ގއ. ވިލިގިލީ މަގު ހެދުމުގެ ތިންވަނަ ފިޔަވައްސާއި، ހއ. އުލިގަމު އަދި ރ. މާކުރަތުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.
މި މަޝްރޫޢުތަކުގެ ދަށުން އެ ރަށްރަށުގެ މަގުތަކުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން، މަގުބައްތި ޖެހުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މިއީ އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށި މަސައްކަތްތަކެކެވެ.

