މީހުން ދިރިއުޅޭ ރަށްރަށާ މަދުވެގެން އެއް ކިލޯމީޓަރު ދުރުގައި ސަފާރީ ބާއްވައިގެން ހިދުމަތް ދޭ ގޮތަށް ގަވާއިދު އިސްލާހު ކުރަން ނިންމަފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ބަދަލު ގެންނަން ނިންމެވީ ލޯކަލް ޓޫރިޒަމް ހިންގާ ރަށްތައް ކައިރީގައި ސަފާރީ ބާއްވައިގެން ނޭދެވޭ ކަންކަން ހިނގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަފާރީތަކަކީ ލައިސަންސް އޮވެގެން ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ އޮންނަ ތަންތަން ކަމަށް ވީނަމަވެސް، ރަށްރަށާ ކައިރީގައި މިފަދަ އުޅަނދުތައް ބޭއްވުމުން ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންކަން ހިނގުމުގެ ފުރުސަތު އޮވެއެވެ. “އަޅުގަނޑުމެން ބޭނުންވަނީ ރަލާއި ދުރު، ޑްރަގާއި ދުރު، އެކި ކަހަލަ ނުބައި އާދަތަކާއި ދުރު މުޖުތަމައުއް،” ރައީސް ވިދާޅުވިއެވެ. މި ގަވާއިދު ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑުވާނެ ކަން ފާހަގަކުރައްވަމުން، ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ލޯކަލް ޓޫރިޒަމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަނީވެސް އެ ދާއިރާ ފުޅާކުރުމަށް ކަމަށެވެ. އެގޮތުން 75 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އަންނަ މާރިޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ރަށު ތެރޭގައި ފަތުރުވެރިން އުޅޭއިރު ހުންނަން ޖެހޭ މިންގަނޑުތައް ހިމެނޭ ގަވާއިދުތައް ވެސް އިސްލާހުކޮށް، ދާދި އަވަހަށް ގެޒެޓް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގަވާއިދުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީއަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭން ޖެހޭނީ ކައުންސިލްތަކުން ކަމަށް ރައީސް ވިދާޅުވިއެވެ. ލޯކަލް ޓޫރިޒަމްގެ ކަންކަން ބެލެހެއްޓުމަށް ކޮންމެ ރަށެއްގައި އޮފީހެއް ހަދަން ކެބިނެޓުން ނިންމާފައިވާ ކަމަށާއި، އެ އޮފީސްތައް ހިންގަން ހަވާލުކުރާނީ ވެސް ކައުންސިލްތަކާ ކަމަށް ރައީސް މުއިއްޒު ވަނީ އިއުލާނު ކުރައްވާފައެވެ.

