ރައްޔިތުން އެދެމުންދިޔަ ގޮތަށް، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހަދާ އައިނުތަކަށް އާސަންދަ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ. މިއީ އައިނު ހެއްދުމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެކެވެ.
މީގެކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް އައިނު ހެއްދެނީ ހަމައެކަނި ހޮސްޕިޓަލަކުން ޕްރިސްކްރިޕްޝަން ހޯދައިގެންނެވެ. ނަމަވެސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ރައީސް ބޭއްވެވި ބައްދަލުވުމެއްގައި، އައިނު ފިހާރަތަކުގައި ތިބޭ ތަޢުލީމާއި ތަޖުރިބާލިބިފައިވާ ލައިސެންސްޑް އޮޕްޓޮމެޓްރިސްޓުން ލިޔެދޭ ޕްރިސްކްރިޕްޝަންތަކަށް އާސަންދަ ނުލިބޭތީ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް، އައިނު ހެއްދުމުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، 15 ޖަނަވަރީ 2026 އިން ފެށިގެން ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އާސަންދަ މެދުވެރިކޮށް އައިނު ހަދައިދޭން ފަށާނެއެވެ.
މީގެ އިތުރުން، އައިނު ހެއްދުމަށް އާސަންދައިން މީގެކުރިން ދެމުން އައި 1,000 ރުފިޔާ، ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިދިޔަ ޖޫން މަހުން ފެށިގެން ވަނީ 2,000 ރުފިޔާއަށް ބޮޑުކޮށްދީފައެވެ. އަދި އައިޖީއެމްއެޗް މެދުވެރިކޮށް ހިލޭ އައިނު ހެއްދޭނެ އިންތިޒާމްވެސް ސަރުކާރުން ވަނީ މީގެ ކުރިން ހަމަޖައްސައިދީފައެވެ.
މި އާ ބަދަލާއެކު، އައިނު ހެއްދުމަށް ޒަމާނުއްސުރެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބި، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

