ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އެކަމުގައި އިހުމާލުވެއްޖެ ނަމަ، މައިންބަފަައިން ފާފަވެރިވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
“ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން” މި މައުޟޫއަށް ރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ވަނީ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ބާރުއަޅައި ވަރަށް އަގުހުރި ނަސޭހަތްތަކެއް ދީފައެވެ.
ހުތުބާގައި ބުނީ، އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ މާތް ﷲ އަށް އަޅުކަންކުރުން ކަމަށާއި، އެކަމުގެ އެންމެ މުހިންމު ތަނބަކީ ފަރުޟު ފަސް ނަމާދު ކަމަށެވެ. އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ އަޅުކަމަކީ ވެސް ނަމާދު ކަމަށްވާއިރު، ދަރީން އެކަމަށް ލޯބިޖެއްސުމަކީ މައިންބަފައިންގެ މައްޗަށް އޮތް ބޮޑު ވާޖިބެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މި މައުޟޫއާ ގުޅޭގޮތުން ހުތުބާގައި އިތުރަށް ބުނެފައިވަނީ، ދަރީންނަކީ މާތް ﷲ ދެއްވާފައިވާ އަމާނާތެއް ކަމަށާއި، އެކުދީންނާ މެދު މައިންބަފައިންނާ ސުވާލުކުރެވޭނެ ކަމަށެވެ. އެހެންކަމުން، ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެފަދަ އިހުމާލެއްގެ ސަބަބުން ދުނިޔަވީ ހަޔާތުގެ އުފާވެރިކަން ގެއްލި، އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ހުތުބާގައި ވަނީ ދީފައެވެ.
ދަރީން ނަމާދަށް ލޯބިކުރާ ބަޔަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލަމުން، ދީންވެރި ތަޤުވާވެރި ބައިވެރިއަކު އިޚްތިޔާރު ކުރުމަށާއި، ހެޔޮލަފާ ދަރީން ދެއްވުން އެދި ގިނަގިނައިން ދުޢާކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން، ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތް ހަނދާންކޮށްދެމުން، ދަރީންނަށް ރިވެތި ގޮތުގައި ނަމާދު ކުރުމަށް އަމުރުކުރުމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ކަންބޮޑުވުމާއެކު ފާހަގަކޮށްފައިވާ ގޮތުގައި، މިއަދު ގިނަ މައިންބަފައިން ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ނުދެއެވެ. ނަމާދަށް ބަންގިގޮވާ އިރުވެސް ކުޅިވަރު މައިދާންތަކުގައާއި، ޓީވީއާއި ގޭމުތަކުގައި ދަރީން މަޝްޣޫލުވެފައި ތިބޭއިރު، އެކަމަށް ފަރުވާކުޑަކޮށް އިހުމާލުވާ މައިންބަފައިން މާތް ﷲ އަށް ބިރުވެތިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ހުތުބާގެ ފަހުބައިގައި، މިހާރު ހިނގަމުންދާ ރަޖަބު މަހަކީ ތައުބާވެ ހެޔޮކަންކަން އިތުރުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަކޮށްފައިވެއެވެ. ހުތުބާގައި ބުނީ އަހަރެމެން ވޭތުކުރަމުން މިދާ މައްސަރަކީ އަހަރެމެން އެންމެން އެކީ އެކައްޗަކަށް ތައުބާވެ މާތް ﷲގެ މަގަށް ރުޖޫޢަވުމަށް ރަނުގެ ފުރުޞަތު ކަމަށާއި، މިއީ މާތް الله މާތްކުރައްވައި، ޙުރުމަތްތެރިކުރައްވައިފައިވާ ރަޖަބުމަސް ކަމަށެވެ. އަދި ސަވާބާއި ދަރުމަ ހޯދުމަށްޓަކައި މި މަހުގައި ހެޔޮކަންތައްތައް އިތުރުކޮށް، ނުބައިކަންތަކުން ދުރުވެގަތުންހުރި ކަމަށާއި ނަމަވެސް މި މަހުގެ ވަކި ދުވަހެއްގައި، ޚާއްޞަ ރޯދައެއް ނުވަތަ ޚާއްޞަ ނަމާދެއް ކުރުމެއް ނެތް ކަމަށްވެސް ހުތުބާގަައި ވަނީ ބުނެފައެވެ.
މިއަދުގެ ހުތުބާވެސް ނިންމާލީ މިއުންމަތުގެ ނަބިއްޔާ ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔެވުމަށް ކިޔެވުމަށް ހަނދުމަކޮށްދީ ނަސޭހަތްތެރިވުމާއެކު، ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ކިޔެވި ސޮލަވާތުންނެވެ.

