ނަންރީތިމާ ނުވަތަ ބަޓަފްލައިޕީ އަކީ ސިއްޙީ ގިނަ ފައިދާތަކެއް އެކުލެވޭ މަލެއް ނަމަވެސް، މާބަނޑު އަންހެނުން މި މާ ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ދިރާސާތަކުން ދައްޡ ސަމާލުވުމަށް އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރު، ފިޒީޝަން މުހައްމަދު އަލީ އިރުޝާދު ދެއްވައިފިއެވެ.
ނަންރީތިމާ ނުވަތަ ބަޓަރފްލައި ޕީއަކީ މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލުކަން ހޯދާފައިވާ މަލެކެވެ. މިމަލުގެ ސައިން ލިބޭ ފައިދާތައް އެނގުމަށްފަހު ގިނަބަޔަކު ދަނީ ނަންރީތިމަލުގެ ސައި އާންމުކޮށް ބޭނުންކުރަމުންނެވެ.
ޑޮކްޓަރު މުހަައްމަދު އަލީ ވަނީ ތަންކޮޅެއް ކުރިން ނަންރީތިމަލުގެ ފައިދާ އާ ބެހޭ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
ނަންރީތި މަލަކީ ސިއްޙީ ގޮތުން ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިދޭ މަލެއް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވެއެވެ. މި މާ ހޫނުފެނަށް އަޅައިގެން ސައިގެ ގޮތުގައި ބޭނުންކުރުމުން ކެއުމަށްފަހު ހަކުރު މަތިވާ މިންވަރު ކުޑަކޮށްދީ އިންސިއުލިން އިތުރުކޮށްދެއެވެ. ހަށިގަނޑުގައި ހުންނަ ސަރުބީއާއި ލޭގައި ހުންނަ ކޮލެސްޓްރޯލް ދަށްކުރުމަށް މި މާ އެހީތެރިވެދެއެވެ. މަލުގައި ހިމެނޭ އެންޓިއޮކްސިޑަންޓް ތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް މަގުފަހިވެއެވެ.
ނަމަވެސް ޑރ. މުހައްމަދު އަލީ ވަނީ މިއީ ސިއްޙީ ފައިދާ ހުރި އެއްޗެއް ނަމަވެސް، ބޭސްތައް ހުއްޓާލުމަށްފަހު ބޭހުގެ ބަދަލުގައި ބޭނުންކުރަންޖެހޭ ފަރުވާއެއް ނޫންކަން ހަނދާން ކޮށްދެއްވާފަ އެވެ.
މިވީޑިއޯއަށްފަހު އާންމުންގެ ފަރާތުން، ވަނީ ޑޮކްޓަރާ މާބަނޑުމީހުން ނަންރީތިމަލުގެ ސައި ބުއިމާ ބެހޭ ގޮތުން ގިނަ ސުވާލުތަކެއް ކޮށްފަައެވެ. އަދި އޭގެ ޖަވާބުގެ ގޮތުގައި ޑރ މުހައްމަދުއަލީ ވަނީ ސޯޝަލްމީޑިއާގައި މާބަނޑުމީހުން ނަންރީތިމަލުގެ ސައި ބުއިމާ ބެހޭ ގޮތުން މައުލޫމާތުކޮޅެއް ހިއްސާ ކުރައްވާފައެވެ.
އެވީޑިއޯގައި މާބަނޑު ދުވަސްވަރު ނަންރީތިމާ ނުވަތަ ބަޓަފްލައިޕީ ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ޑރ. މުހައްމަދު އަލީ އިރުޝާދު ދެއްވާފައިވެއެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ނަންރީތިމާ ސައިގެ ގޮތުގައި ނުވަތަ ސެލެޑް ފަދަ ތަކެތީގައި ނުވަތަ އެހެންވެސް ގޮތެއްގައި ބޭނުންކުރުމުން ރަހިމު ފިތުމަށް މެދުވެރިވެދާނެއެވެ. ރަހިމު ފިތުމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމުގެ ފުރުސަތު ބޮޑުވާކަމަށް ދިރާސާތަކުން ދައްކާ ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
"ނަންރީތިމަލާ ބެހޭ ގޮތުން އައި ސުވާލަކީ މާބަނޑުއިރުގަ މިމާ ބޭނުން ކުރެވިދާނެހޭ ނުވަތަ މިމަލުން އެކިކަހަލަ ސައި ނޫނީ ފެނަަށް އަޅައިގެން ނުވަތަ، ސެލެޑް ހަދައިގެންވެސް ބޭނުންކުރެވިދާނެހޭ، ހެދިފައިހުރި ދިރާސާތަކުން ދައްކަނީ، ވަކިން ޚާއްސަކޮށް މާބަނޑުއިރު މި މާ ބޭނުން ނުކުރުން. އެއްވެސް ގޮތަކަށް ސައިގެ ގޮތަކަށް ވިޔަސް ސެލެޑެއް ގޮތުގައި ވިޔަސް އެއްވެސްގޮތެއްގައި ބޭނުން ނުކުރުން. އެއްވެސް ގޮތަކަށް މި މާ ބޭނުންކޮށްފިނަމަ ރަހިމު ފިތޭގޮތް ވުމުގު ފުރުސަތު މަތިވޭ. އެހެންވެއްޖެއްޔާ ކުއްޖާ ބައިގެންދިޔުމުގެ ފުރުސަތު އިތުރުވެގެންދާނެ." ޑރ މުހައްމަދު އަލީ

