އެތައް އަހަރެއްވީ އާސާރީ ތަކެއްޗާއި ދިވެހީންގެ އިހުގެ ދިރިއުޅުން ދައްކުވައިދޭ މުހިންމު ބިނާއެއް ކަމަށްވާ “ތަރިޖެހިގެ” ހިމާޔަތްކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިއީ އެ ރަށުގައި ހުރި އެންމެ ދުވަސްވީ އަދި އެންމެ ފާހަގަކޮށްލެވޭ އެއް ތާރީހީ ބިނާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެކެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ، މި ބިނާ ހިމާޔަތްކުރަން ނިންމީ ރަށުގެ ސަގާފަތާއި ތަރިކަ ރައްކާތެރިކަމާއެކު ދެމެހެއްޓުމުގެ މަގުސަދުގައި ކަމަށެވެ. ތަރިޖެހިގެއަކީ އިހުޒަމާނުގައި ދިވެހީންގެ ދިރިއުޅުން ބިނާވެފައި އޮތް ގޮތާއި، ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ސިފަކޮށްދޭ ދިރިހުރި މިސާލެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މޭޔަރު އާތިފް އިތުރަށް ވިދާޅުވީ، މީގެ ކުރިން ރަށުގައި ހުރި މުހިންމު ތާރީހީ ބިނާތަކެއް ނެތިގެން ގޮސްފައިވާ ކަމަށެވެ. “އުލާ ގަބުރުސްތާނުގައި ހުރި ރީތި ހިރިގަލާއި ލަކުޑީގެ މިސްކިތާއި، މަގާންމަގުގައި ހުރި މާގާންފުޅު ފަދަ ތަންތަން މިއަދުގެ ޖީލަށް ފެންނާކަށް ނެތް. އެހެންކަމުން މިހާރު ހުރި މިފަދަ މުހިންމު ތަންތަން މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް،” އޭނާ ވިދާޅުވިއެވެ.
ކައުންސިލުން ނިންމާފައިވަނީ މިހާރު ތަރިޖެހިގެ ހުރި ސަރަހައްދަކީ ހަނި ގޯޅިތަކެއްގެ މެދުގައި އޮތް ތަނަކަށް ވާތީ، އެ ގެ ރަށުގެ އިސްރަށްވެހިންގެ ޕާކުގެ އިރުމަތީ ފަރާތުގައި އޮތް ހުސް ބިމަށް ބަދަލުކުރުމަށެވެ. އަދި އެ ގޭގެ ވެރިފަރާތަށް ބަދަލުގެ ގޮތުގައި އެހެން ބިމެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. ގާތްގަނޑަކަށް ގަރުނެއްހާ ދުވަސްވެފައިވާ މި ގޭގައި މިހާރު ދިރިއުޅެނީ އުމުރުން 90 އަހަރާ ގާތްކޮށްފައިވާ އަލީ މުހައްމަދު (އަލިބެ) އެކަންޏެވެ.
މި ގޭގައި އަދިވެސް އިހުގެ ދިރިއުޅުމުގެ ކުލަވަރުތައް ފެންނަން ހުރިއިރު، ދިމާ އެނދާއި، ތާރައާއި، މަލާފަތް ފަދަ އާސާރީ ތަކެތި ރައްކާކުރެވިފައިވެއެވެ. މިއީ މިހާރު ވެސް ފަތުރުވެރިންނާއި ދިވެހީންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ތަރިޖެހިގެއާ އެކު ނަޖުމު، ސްޓާ، ކޮމެޓް، ފާޅު، ގާހަކަ، ގުލްތަރުޖަމާގެ، އިޝާ އަދި މަލްވިލާގެ ފަދަ ގޯތިތައް ވެސް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް، ރަށުގެ ތަރިކަ ރައްކާތެރިކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

