ޅ. ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ތަރައްޤީކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިމި، ބޭނުންކުރަން ފެށޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވީ، ފެލިވަރުގައި ގާތްގަނޑަކަށް 4500 ޓަނުގެ މަސް ރައްކާކުރެވޭނެ އައު ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އުންމީދަކީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މި ތަން ބޭނުންކުރަން ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ކޯލްޑް ސްޓޯރޭޖްގެ އިތުރުން 200 ޓަނުގެ ބްރައިން ފްރީޒިންގ އާއި 80 ޓަނުގެ އާރު.އެސް.ޑަބްލިއު (RSW) ސިސްޓަމެއް ގާއިމުކުރެވޭނެއެވެ. މި ބަދަލާއެކު ފެލިވަރަށް ދުވާލެއްގެ މައްޗަށް އިތުރު 280 ޓަނުގެ މަސް ކިރޭނެ ގާބިލުކަން ލިބިގެންދާނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
ޝަހީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފެލިވަރުގައި މިހާރު ހުރި ކޭނަރީއަކީ ވަރަށް ޒަމާންވީ ތަނަކަށްވުމާއެކު، އައު ކޭނަރީއެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. މިހާރު ހުރި ކޭނަރީގެ ކެޕޭސިޓީއަކީ ދުވާލަކު 40 އާއި 50 ޓަނުގެ ދަޅުމަހެވެ.
އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 22 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 18 ޖެނުއަރީ 2023 ގައި ހދ. ހަނިމާދޫގައެވެ.
މި މަޝްރޫޢު ނިމުމުން އުތުރުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން މަސްކިރުވުމަށްޓަކައި ކޫއްޑޫއަށް ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް އައިސް، ތެލަށް ކުރާ ޚަރަދު ކުޑަވެ، ސީދާ ފެލިވަރަށް މަސް ކިރުވުމުގެ ފުރުސަތު މަސްވެރިންނަށް ފަހިވެގެންދާނެއެވެ.
މި މަޝްރޫޢު ނިމުމުން އުތުރުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، މަސްކިރުވުމަށްޓަކައި ކޫއްޑޫއަށް ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް އައިސް، ތެލަށް ކުރާ ޚަރަދު ކުޑަވެ، ސީދާ ފެލިވަރަށް މަސް ކިރުވުމުގެ ފުރުސަތު މަސްވެރިންނަށް ފަހިވެގެންދާނެއެވެ.

